ސަރުކާރުން އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫ ލިންކު ރޯޑު މަޝްރޫއުއަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. މިގޮތުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތާއި، މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިނިސްޓަރު މުއްތަލިބާ ސުވާލުކޮށްފަ އެވެ.
މެންބަރުގެ މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއާއެކު ވަރަށް ފަހުން ސޮއިކޮށްފައިވާނެ ކަމަށެވެ. މީގެ ތެރޭގައި މިދިޔަ ސަރުކާރުން އެފްކޯންސްއާ ހަވާލުކޮށްގެން ސީޓީބީ ސިމެންތިބޭސް ލޭޔަރެއް އަޅާފައި އޮތް ފަސްދޮޅަސް ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލިންކު ރޯޑުގެ މަސައްކަތް ކަން ފާހަގަކޮށް މިނިސްޓަރު މުއްތަލިބް ވިދާޅުވީ އޭގެތެރޭގައި ލިންކު ރޯޑް އެކްސްޓެންޝަނާއި، އޭގެތެރޭގައި ހިތަދޫގައި ހިމާޔަތްކޮށް ސަރަހައްދާ ކައިރި ސަރަހައްދެއްގައި ކުރަންޖެހޭ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.
މިގޮތުން މިހާރު ކުރިއަށްދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި މި ވަގުތު އައްޑޫ ސިޓީ ކައުންސިލާއި އާރުޑީސީއާއެކު މަޝްވަރާކުރެވި، ސައިޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ވަގުތު އީއައިއޭގެ މަސައްކަތް ކުރިން އެބަދޭ. މި ވަގުތު ކައުންސިލާއި އާރުޑީސީއާ މަޝްވަރާކުރެވިފައިވަނީ. އަޅުގަނޑުމެންނަށް ވެސް ސައިޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. އިރާދަކުރެއްވިއްޔާ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ލިންކު ރޯޑުގެ މަސައްކަތްކުރުން،" މުއްތަލިބް ވިދާޅުވި އެވެ.
އައްޑޫ ލިންކު ރޯޑުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން 2024 ވަނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް މުއްތަލިބް ވިދާޅުވިއިރު، 2021 ވަނަ އަހަރު ފެށި މި މަޝްރޫއު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް ނިމިފައެއް ނުވެއެވެ.