ރަޝިޔާ އިން ޔޫކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ، އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލަން ޖެހޭކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެ ލެޔެން ވިދާޅުވެއްޖެއެވެ.
އުރުސުލާ ވިދާޅުވީ އެއްވެސް ޝަރުތެއް ނެތި، ހަނގުރާމަ ހުއްޓާލުމަަށް ރަޝިޔާ އިން އެއްބަސްވާން ޖެހޭނެ ކަމަށާއި ރަޝިޔާ އިން އެކަމާ ދެކޮޅު ހަދަައި، އެކަމާ ޚިލާފުވެއްޖެ ނަމަ، އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅުއްވާނެ ކަމަށެވެ.
އުރުސުލާ އެކްސްގައި ވިދާޅުވީ ރަޝިޔާ އިން ޔުކްރެއިން ގައި ހިންގަމުން އަންނަ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެއީ މާނަވީ ސުލްހަވެރިކަމެއް ގާއިމު ކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރުސުލާ މިހެން ވިދާޅުވެފައި މި ވަނީ ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް އަދި ޕޮލެންޑުގެ ލީޑަރުން ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގަ އެވެ.
ހަތަރު ގައުމުގެ ލީޑަރުންގެ މި ޒިޔާރަތުގެ އެންމެ ބޮޑު މަގްސަދަކީ ޔޫކްރެއިން އަށް އެއްބާރުލުން ދިނުމާއި، ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރުމުގެ އިތުރުން، ހަނގުރާމަ ނިންމުމަށް ރަޝިޔާ އަށް ބާރު އެޅުމެވެ.
އެހެން ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ވަނީ ޝަރުތުތަކެއް ކަނޑައަޅައި، އެކަން އަންގައިފަ އެވެ. އެގޮތުން ގައުމު ތަކުން ޔުކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ރަޝިޔާ އިން ވަނީ ޝަރުތު ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރަށް އުރުސުލާ ވިދާޅުވީ، އެ މައްްސަލައިގައި މިހާރު ވެސް ގޮތް ނިންމުން އޮތީ ރަޝިޔާގެ އަތުގައި ކަަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، އިތުރު ދަތި ކުރުންތަކާ ރަޝިޔާ އިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޔޫކްރެއިންގެ ދެމެހެއްޓެނިވި ސުލްހަ އަކީ މުޅި ޔޫރަޕުގެ ސަލާމަތާއި، ރައްކާތެރި ކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.