އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުހައްމަދު މުއިއްޒުގެ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދޭން ކޮމިޓީން އިއްޔެ ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިގޮތުން އަލީ ހުސައިން ވިދާޅުވީ އިންސާފަށް ލޯބިކުރުމުގެ ކަންފުޅެއް ވެސް ރައީސް މުއިއްޒުގެ ނެތްކަން މިކަމުން އެކަނި ވެސް ދަލީލުކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް މުއިއްޒު ބޭނުންވާ ގޮތާ ހިލާފަށް "އިނގިލި ހިއްލާލިޔަސް" ފިޔަވަޅު އަޅާނެކަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އާމެދު ކަންކުރި ގޮތުން އެނގޭ ކަމަށާއި އެހާ ބާރު އޮތްއިރު، އިންސާފަށް ކަމެއް ގެންދިޔުމަށް އެއްވެސް ލޯތްބެއް ނެތް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށް، އެބޭފުޅުންގެ މައްސަލަތަކެއް ބަލަން ފަށާފައިވަނީ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައ ހިމެނޭ ހުސްނުއް ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ފޮނުވުމުން ފަނޑިޔާރު އަޒްމިރާލްދާ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އަޒްމިރާލްދާ އަށް މި ފުރުސަތު ދީފައެއް ނުވެ އެވެ.

މިއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ހުށަހެޅި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އެ ބިލް ފާސްކުރަން އަޒާން ވޯޓު ނުދެއްވައި ތަޅުން ދޫކޮށް ނުކުމެވަޑައިގަތުމުން މަޖިލީހުގެ ކޮމިޓީތަކުންނާއި މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން އަޒާން ވަނީ ބޭރުކޮށްފަ އެވެ.