މިދިޔަ އޭޕްރީލް މަހުގެ ކަރަންޓް ބިލް ވެސް ބޮޑުވުމުގެ ޝަކުވާ އާންމު ރައްޔިތުން ކުރަމުން އަންނައިރު، އޭޕްރީލް މަހު ވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ފަދައިން މިދިޔަ ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ނަމަވެސް ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ގިނަވުމުން އޭރު ސްޓެލްކޯއިން ބުނީ އެއީ ހޫނުގަދަވެ ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން ވީ ކަމެއް ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ގިނަ ގޭގެއަށް ލިބުނީ ރޯދަ މަހު ލިބުނު ކަރަންޓް ބިލާ އެއްވަރުގެ ބިލެކެވެ. މިކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޯދަ މަހުގެ ބިލާއި އޭޕްރިލް މަހުގެ ގިނަ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް "އިތުރު ލުޔެއް" ދޭން ކަމަށެވެ.

"ވީމާ އޭޕްރީލް މަހުގެ ކަރަންޓު ބިލް މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު 'އެ ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެ އެވެ.

ސްޓެލްކޯ އިން ބުނީ، ޑިސްކައުންޓު ދީފައި ވާނީ ކުރީ އަހަރުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ތިން މަސް ކަމަށްވާ ފެބްރުއަރީ، މާޗު އަދި އޭޕްރިލް މަސް ނުހިމަނައި ނުވަ މަސް ދުވަހު ކަރަންޓު ބޭނުން ކޮށްފައިވާ އެވްރެޖަށް ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށެވެ.

"އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި މި ދެންނެވި 9 މަސް ދުވަހުގެ ބިލް ހިސްޓްރީ ނެތް ކަސްޓަމަރުންނަށް ވެސް ބިލްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފައި،" ސްޓެލްކޯ އިން ބުންޏެވެ.