މިހާރު އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ހިނގި ހަނގުރާމައަކީ ދީނީ ބައިބައިވުންތަކެއްގެ ސަބަބުން ފެށުނު ހަނގުރާމައަކަށްވާއިރު އިންޑިއާ އަސްކަރިއްޔާއިން ވަނީ މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި އާއްމު ރައްޔިތުންނަށް ވިސްނައިދީފަ އެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުސްލިމް އާބާދީ ދިރިއުޅޭ ގައުމަށްވާއިރު މި ފިކުރީ ހަނގުރާމައިގެ ސަބަބުން އެ މުސްލިމުންގެ ދިރިއުޅުމަށް ވެސް އަންނަނީ ގިނަ އަސަރުތަކެއް ކުރަމުންނެވެ. މި ހަނގުރާމައިގެ ކޮޅުމަތި ފެނުމާއެކު އިންޑިއާގެ މުސްލިމުންނަށް އަމާޒުކޮށް ވެސް ސޯޝަލް މީޑިއާއާއި އާއްމު ތަންތަނުގައި އެހެން ދީންތަކަށް އަޅުކަންކުރާ އެ ގައުމުގެ ރައްޔިތުން ބަދުބަސް ބުނަން ފެށި އެވެ.

އިސްލާމް ދީނަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ ދީނެއް ކަމަށާއި މުސްލިމުންނަކީ ދުނިޔޭގައި އުޅެން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެއާއެކު ދެން ފެނުނީ އެ ނަފްރަތު އަމަލީ ގޮތުން ފެށުނު މަންޒަރެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ތަތްކޮށްފައިހުރި އިސްލާމީ ޝިއާރުތައް ފެންނަ ޕޯސްޓަރުތައް ކަފައި އެއަށް ކަޅުތެޔޮ ވެސް ޖެހި އެވެ.

ޝަހާދަތުގެ މާތް ކަލިމަފުޅު ލިޔެފައިވާ ސައޫދީ އަރަބިއާގެ ދިދައާއި އިސްލާމީ ރަމްޒުުތައް އެކުލެވޭ ޕާކިސްތާނުގެ ދިދައަށް ފައިން އަރާ އެއަށް އިހުތިރާމް ކުޑަކޮށް ހަދާ ވީޑިއޯތައް ވެސް ވަނީ އާއްމުވެފަ އެވެ.

ކަންތައްތައް މިގޮތަށް ކުރިއަށް ދާނަމަ އިސާހިތަކު މުސްލިމުންގެ މުދަލަށް ގެއްލުންދީ އަނބިދަރިންގެ ފުރާނައަށް ގެއްލުންވާ ފަދަ ހަމަލާތައް ކުރިމަތިވެދާނެ ކަމުގެ ބިރު ވެސް އެގައުމުގެ މުސްލިމުން އަންނަނީ ފާޅު ކުރަމުންނެވެ.

އިންޑިއާއަކީ ހިންދޫ ދީނަށް އަޅުކަންކުރާ މެޖޯރިޓީއެއް އޮތް ގައުމެއް ނަމަވެސް އެ ގައުމުގައި ދެވަނައަށް އެންމެ ބޮޑު ދީނަކީ އިސްލާމް ދީނެވެ. އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 14 ޕަސެންޓަކީ މުސްލިމުންނެވެ.

އެ ދެ ގައުމުގެ ދެމެދު ހިނގި ހަނގުރާމަ އިއްޔެ ހަވީރުން ފެށިގެން ވަނީ ހުއްޓާލުމަށް އެއްބަސްވެފަ އެވެ.