ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަހަރުގެ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން އިއްޔެ ފެށިއްޖެ އެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން އިއްޔެ ފެށިއްޖެ ކަމަށް ބުނެފަ އެވެ.

މެޓް އޮފީހުން ބުނިގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އަދި އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ ކަމަށްވެ އެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރާގައި ބަޔަކު ވިއްސާރަ ކުޑައެއް ނަގައިގެން ދަނީ. ފޮޓޯ | ހުރިހާ

މެޓް އޮފީހުގެ ބަޔާނުގައި ވަނީ މިދިޔަ 24 އަހަރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު ތާރީހުތައް ވެސް ހިމަނައިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.