ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ނުފޯރުވާކަން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން ހާމަވެއްޖެ އެވެ.

އެ މައްސަލައިގައި ގާޒީ ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުގައިވާގޮތުން މަހާޒްގެ އެދިވަޑައިގަތުމަކަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ.

ޒިހުނީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަހާޒްގެ އެދިވަޑައިގަތުމަކަށް ސަފްވަތު އެއްސެވީ އިސްމާއީލް ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަންޏެވެ. އިތުރު އެއްވެސް ވާހަކައެއް މަހާޒު ދައްކަވާފައިނުވާ ކަމަށް ޒިހުނީ ވިދާޅުވި އެވެ.

އެހެންކަމުން ފަނޑިޔާރު މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ނުފޫޒު ނުފޯރުވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެ އެވެ.

އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމީ އެއީ ނުފޫޒުފޯރުވުން ކަމަށެވެ. އެއީ ސަދޫމުގައި މައްސަލަ ނިންމާގޮތް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި ޖޭއެސްސީއަށް ފާޑުކިޔަމުންނެވެ.

ހަގީގަތް އެހެން އޮތްނަމަވެސް ޖޭއެސްސީން ނިންމީ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ރައީސް މުއިއްޒު ޖޭއެސްސީއަށް ނުފޫޒުފޯރުވާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ އަވަސްކޮށްދިނުމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދަށް ގުޅުއްވާފައިވާނެ ކަމަށެވެ.