ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވުމާއެކު އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަށް ދޫކޮށްފައިވާ ފަޅުރަށެއް ސަރުކާރުން އަތުލައިފި އެވެ.

ސިޔާމްގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމައި ރަށް ހުސްކުރަން 14 ދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ.

އެ ރަށް އަތުލާ ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދިޔުން ކަމަށެވެ.

މިނާވަރަކީ ސިޔާމުގެ ދެ ރިސޯޓު ކަމަށްވާ ސިޔާމް ވޯލްޑް އަދި ސަން ސިޔާމު އިރުފުށްޓާއި ކައިރީގައި އޮންނަ ރަށެކެވެ. މިނާވަރުގައި ހައްދާ ގިނަ ތަކެއްޗަކީ އެ ދެ ރިސޯޓުގެ ބޭނުމަށް އުފައްދާ ތަކެއްޗެވެ.

އެއްބަސްވުން ބާތިލްކުރަން ނިންމީ އެއްބަސްވުމުގައި ބާކީ އަށް އަހަރު އޮއްވައި އެވެ. މިއީ ސިޔާމްގެ އަތުން މި ސަރުކާރުން އަތުލި ދެވަނަ ރަށެވެ. ސިޔާމް ބޮޑު އިންވެސްޓެއްކޮށްފައިވާ ދ. އުއްދޫ ވެސް ބަދަލުދިނުމަކާ ނުލައި އަތުލައި، ދ. އަތޮޅު ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ހެކީންގެ ހާޒިރުގައި އަމިއްލަ އަތުން ސޮއިކޮށް ފިންގާޕްރިންޓު ޖަހައި ތިމާ ނިސަބަތްވާ ޕާޓިގެ ލީޑާޝިޕުގެ ބޭފުޅުންނަށް ދޮގު ހަދައި ހަގީގަތް އޮޅުވާލާފައިވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށެވެ.

އައްބާސް ވިދާޅުވީ ރައްޔިތުން ކުރިމަތީގައި ދޮގު ހަދައި އޮޅުވާލާ އަނިޔާވެރިއެއްގެ ނިމުން ނިމިގެންދާނީ ވަރަށް ހިތިކޮށް ކަމަށެވެ.

މިކަމާ ގުޅިގެން ސިޔާމުގެ ޕާޓީ، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުން ބާތިލުކުރަން ނިންމީ ބަދަލު ދިނުމަކާ ނުލާ ކަމަށެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ސަރުކާރަށާއި ރައީސަށް ފާޑުވިދާޅުވެފަ އެވެ.

މިއީ މި ފަހުން ސިޔާމުގެ އަތުން ސަރުކާރުން އަތުލި ދެވަނަ ރަށެވެ. އެގޮތުން ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކަނޑައަޅަން އެ އަތޮޅު އުއްދޫ އަތުލީ ފެބްރުއަރީ މަހު އެވެ. އެވެސް ދަނޑުވެރިކަން ކުރަމުންދިޔަ ރަށެކެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ.

އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން 40 މިލިއަން ރުފިޔާ ކެމްޕޭނަށް ނެންގެވި ކަމަށް ކުރާ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާމް އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ސިޔާމް އަޅުގަނޑަކަށް ހިޔެއް ނުވޭ ތިކަހަލަ ވާހަކައެއް ވިދާޅުވާނެހެނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާމަކީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެތަކެއް ގުރުބާނީތަނެއް ވެވަޑައިގެންނެވި ބޭފުޅެކެވެ.