އަޒަރުބައިޖާނުގެ ޑަމްޖިލީ ހޮހަޅައަކުން ފެނިފައިވާ 8،000 އަހަރު ކުރީގެ ހިލައިގެ ކުޑަ ތަސްވީރަކުން އެ ޒަމާނުގެ މީހުންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅީގެ މައުލޫމާތު ލިބިފައިވާ ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.
ޖަޕާނާއި އަޒަރުބައިޖާނުގެ އާކިއޮލޮޖިސްޓުން ގުޅިގެން ކުރި ދިރާސާއެއްގައި މި ތަސްވީރު ދިރާސާކޮށް ބެލިއިރު، މިއީ ހިލައިން އިންސާނެއްގެ ސިފައިގައި ހަދާފައިވާ ތަސްވީރެއްކަން އެނގުނެވެ. ނަމަވެސް މި ތަސްވީރުގައި މޫނެއް ނެތްކަން ފާހަގަކުރެވެ އެވެ. މި ތަސްވީރު ހަދާފައިވާ ގޮތުން އޭރުގެ މީހުންގެ ސަގާފަތާއި އާދަކާދަ އަންގައިދޭ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
ޑަމްޖިލީ ހޮހަޅައަކީ 1953 ވަނަ އަހަރު އާކިއޮލޮޖިސްޓުން ފުރަތަމަ ދިރާސާކުރަން ފެށި ތަނެކެވެ. މި ހޮހަޅައިގެ ތަފާތު ފަށަލަތަކުން ނިއޮލިތިކް ޒަމާނުގެ އާބާދީތަކުގެ ހެކިތައް ފެނިފައިވެ އެވެ. އަދި މީގެ އިތުރުން މިޑްލް ޕެލިއޮލިތިކް އަދި މެސޮލިތިކް ޒަމާނުގެ އާސާރުތަކާއި ހެކިތައް ވެސް މި ހޮހަޅައިން ފެނިފައިވެ އެވެ.
މި ތަސްވީރު ދިރާސާކުރުމުން އެ ޒަމާނުގައި މީހުން ދިރިއުޅުނު ގޮތާއި، އެމީހުންގެ ސަގާފަތާއި އާދަކާދައިގެ މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށް ސައިންޓިސްޓުން ބުނެ އެވެ. އަދި މި ތަސްވީރަކީ މެސޮލިތިކް ޒަމާނުން ނިއޮލިތިކް ޒަމާނަށް އައި ބަދަލުތައް ދެނެގަތުމަށް ވަރަށް މުހިންމު ހޯދުމެއް ކަމަށް ވެސް ސައިންޓިސްޓުން ބުނެފައިވެ އެވެ.