އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ)އާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮށްފައިވާ ދައުވާގެ އަޑު އެހުމެއް ބުދަ ދުވަހަށް ތާވަލުކޮށް، ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑު އެހުން ބާއްްވާފައި ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ވަނީ ޖަވާބުދާރީވުމަށް މަންދީ އަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެގޮތުން މެއި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމަށް ވަނީ ފުރުސަތު ދީފަ އެވެ.
އެހެން ނަމަވެސް، މި މައްސަލައިގެ ކޭސް މެނޭޖުމަންޓާ ގުޅޭ ގޮތުން ބާއްވާ އަޑު އެހުމަކަށް މަންދީއަށް ވަނީ ޗިޓު ފޮނުވައިފަ އެވެ. އެއީ ބުދަ ދުވަހުގެ ހެނދުނު 11:15 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑު އެހުމަށް ފަހު މަންދީގެ ވަކީލު އިބްރާހީމް ޝިޔާން ވިދާޅުވެފައި ވަނީ މައްސަލަ ބެލުމުގެ އިހުތިސާސް ފެމެލީ ކޯޓަށް ލިބިގެންވޭތޯ މަންދީގެ ފަރާތުން ސުވާލު ކޮށްފައިވާނެ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން ސުވާލެއް އުފައްދަން ބޭނުންވާ ނަމަ، މެއި މަހުގެ 15 ގެ ކުރިން އެ ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ވަނީ މަންދީ އަށް ދީފަ އެވެ.
އެ ދުވަހުގެ އަޑު އެހުމަށް ފަހު ވާހަކަ ދައްކަވަމުން މަންދީ ބުނީ މިއީ އޭނާ އަށް ބިރު ދައްކައި، ފަހަތަށް ޖެއްސުމުގެ މަގުސަދުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އެހެން ނަމަވެސް، އެ ދައުވާގެ ސަބަބުން އެމްޑީޕީގެ ޙަރަކާތްތަކުން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް މަންދީ ބުންޏެވެ. އަދި ރައީސްގެ އަނބިކަނބަލުން އާންމު ރައްޔިތަކާ ދެކޮޅަށް މިގޮތަށް ދައުވާ ކުރުމުން، އާންމު ރައްޔިތު މީހާއަށް އިންސާފު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީއާ ދެކޮޅަށް ސާޖިދާ ދައުވާ ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.