ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި މިހާރު އެ މައްސަލަ އަލުން ބަލަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަކީ މިނިވަން މުއައްސަސާއެއް ވީމަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ހުރިހާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސްގެ ފަރާތުން ނުވަތަ އެހެން ސިޔާސީ ބޭފުޅެއްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާއެއް އުފުލުމަށް ޕީޖީއަށް އެންގުމެއް ނުދާނެ ކަމަށެވެ.

"އަޅުގަނޑު ޕީޖީއަށް އަންގާފަ އޮންނާނީ މިނިވަންކަމާއި އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މައްސަލަތައް ކުރިއަށް ގެންދިއުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ތެރޭގައި މުޅިންވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް އޭރުގެ ސަރުކާރުން އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ވިދާޅުވެ އޭރު ވައުދުވެވަޑައިގެންނެވި އެވެ.

ނަމަވެސް މި ސަރުކާރުން އަލުން ރައީސް ޔާމީންގެ މައްސަލަ ބަލަން ފަށާފައިވާއިރު، އެމަނިކުފާނުގެ މައްސަލައަށް ސަރުކާރު ތެރެއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ.

މި ސަރުކާރުން އަލުން ފުއްގިރި މައްސަލަ ބަލަން ނިންމިކަން ރައީސަށް އެނގިވަޑައިގަތީ ނޫހުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުފޫޒެއް ނުފޯރުވާނަން ރައީސް ޔާމީންގެ ކޭސްއަކަށް، އަދި އެއްވެސް ކޭސްއަކަށް، އަޅުގަނޑު ކުރާނެކަމެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެސްގައިވެސް ރައީސް ވަނީ ފުރަތަމަ އިންތިހާބު ކާމިޔާބުވެ ވަޑައިގެންނެވުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަން އެދިވަޑައިގެންނެވިކަމަށް ވިދާޅުވެފަ އެވެ. އަދި ފަހުން އަބްދުއްރަހީމާއެކު ރައީސް ސޯލިހާ ބައްދަލުކުރައްވަން ވަޑައިގެންވެސް ރައީސް ޔާމީން މިނިވަން ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު މީގެ ކުރިން މިވާހަކަ ދެއްކެވުމުން ކުރީގެ ރައީސް ސޯލިހު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ރައީސް މުއިއްޒު އެގޮތަށް އެދިވަޑައިނުގަންނަވާ ކަމަށާއި، ރައީސް ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވުމުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މިހާރު ގެންނަވާ ވާހަކަ ވިދާޅުވިކަމަށްވެސް ސޯލިހުވަނީ ވިދާޅުވެފަ އެވެ.