ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރުގެ އަދަދަށް ހިފެހެއްޓުމަށް މި އަހަރު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވެ ފްރީޒް ކުރުމާ މެދު ގޮތެއް ނިންމުން ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެ ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މަޖިލިސް މެންބަރަކު ހުންނަން ޖެހެ އެވެ. މިއާއެކު ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް މަޖިލީހުގައި 93 މެންބަރަކު ތިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް ވަރެއްގައި ހިފަހައްޓާއިރު ދާއިރާތައް ކަނޑައެޅުމަށް އީސީ ގެ ވިސްނުމަކީ ޖުމްލަ ގޮނޑީގެ ތެރެއިން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު އިތުރަށް ހުންނަ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހައިލުން ކަމަށް އެ ކޮމިޝަނުންވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމަށް ނިންމަވާ އިއުލާންކުރައްވާފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުމާއި ރިޔާސީ އިންހާބު "ޕްރިފެރެންޝަލް ވޯޓިން' ނިޒާމަށް ބަދަލުކޮށް، އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުން، ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެމްބަރު ކަމުގައި ކަނޑައެޅުން އަދި ރިކޯލް ވޯޓެއް ނަގައި ވަކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުން ހިމެނެ އެވެ.