ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ސޮއިކުރި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ވެވަޑައިގެން ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަން ލަސްވަނީ އެއްބަސްވުމުގައި ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކާ ހެދި ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީގެ ސަރުކާރުން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ އޭގައި މައްސަލައެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ އެހެން ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރެވޭނީ އެގައުމު ތަކުގެ ރުހުން ލިބުމުން ކަމަށެވެ. އެކި ގައުމުތަކާއި އެކު، ހާއްސަކޮށް އިންޑިއާ އާއި އެކު ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުމާއި ގުޅޭގޮތުން މީގެ ކުރިން ޕީއެންސީން ވަނީ އިދިކޮޅުގައި އޮވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި އޭރު ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެން ހަރަކާތެއް އޭރު ފެށިއިރު، ފަހުން ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރި އެވެ.

އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން އުވާލި ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓު ތައް ފޮނުވައެއް ނުލަ އެވެ.

ރިޔާސީ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގަތް ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ އަނބުރާ އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނިއިރު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ވެސް ވަނީ ޗައިނާ، އިންޑިއާ، އަދި ތުރުކީ އާއެކު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް މީގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.