އިނގިރޭސި ޝާހީ އާއިލާއާއެކު އޮތް ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށް އެ އާއިލާއިން ވަކިވެ އެމެރިކާގައި ދިރިއުޅެމުން އަންނަ ޕްރިންސް ހެރީ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ހެރީ ބުނީ އޭނާއާއި އޭނާގެ އާއިލާއަށް އިނގިރޭސި ވިލާތަށް ދިއުމުގެ ފުރުސަތެއް ނެތް ކަމަށާއި އެހެން ނަމަވެސް އާއިލާއާ އަލުން ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ.

އެއާއެކު މިވަގުތު އިނގިރޭސި ތަހުތުގައި އިންނެވި ބައްޕާފުޅު ޗާލްސް ރަސްގެފާނު މިހާރު އޭނާގެ އާއިލާއާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ ކަމަށް ވެސް ހެރީ ބުންޏެވެ.

"އަހަރެންގެ އާއިލާގެ ބައެއް މެމްބަރުން ދުވަހަކު ވެސް އަހަންނަށް މައާފު ނުކުރާނެ ކަން އެނގޭ. އެކަމަކު ގުޅުން ބަދަހި ކުރަން އަހަރެން ބޭނުން" ހެރީ ބުންޏެވެ.

ޝާހީ ޒިންމާތައް ދޫކޮށްލުމަށްފަހު ޕްރިންސް ހެރީއާއި މޭގަން މާކަލް އެމީހުންގެ ދަރިފުޅު އާޗީއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ 2020 ވަނަ އަހަރު އެވެ.

އޭގެ ފަހުން ޕްރިންސް ހެރީއާއި ޝާހީ އާއިލާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި ވާއިރު އިނގިރޭސި ސަރުކާރުން ވަނީ ހެރީއާއި އާއިލާގެ ސެކިއުރިޓީ ލެވެލް ވެސް ދަށްކޮށްފަ އެވެ.

މި ނިންމުން އަނބުރާ ގެންދިއުމަށް އެދި ހެރީ ކޯޓަށް ދިޔަ ނަމަވެސް އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.