އެސްޓީއޯއާ މީގެ 14 އަހަރު ކުރިން ހުޅުމާލޭގައި އަޅަން ހަވާލުކޮށް ނުނިމުނު ސިޓީ ހޮޓާ ތަރައްގީކޮށް އެ ތަން ހިންގަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަން އެޗުޑީސީއިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެޗުޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮޓަލުގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށްގެން އަލުން ފަށަނީ އެސްޓީއޯއާ އެކު ސެޓްލްމަންޓް އެއްބަސްވުމަކަށް ދިއުމަށް ފަހު ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލު އެޗުޑީސީއިން ހާމައެއްނުކުރެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ ހިތްގައިމު ސަރަހައްދުގައި ހޮޓަލެއް ހިންގުމަށް ބިމެއް ހޯދުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު އެސްޓީއޯ އިން ސޮއިކުރީ ޖުލައި 31، 2007 ގަ އެވެ.

ހޮޓަލުގެ މަސައްކަތް ފަށައި ހޮޓާ ނިންމަން ތައިލެންޑުގެ އެގްޒިމް ބޭންކާ އެކު އެއްބަސްވުމެއް ހަދައި 32 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. އަދި ހޮޓާ ހިންގުމަށް އެމެރިކާގެ ކާލްސަން ގްރޫޕުގެ ރެޑިސަން ބްލޫއާ އެކު މެނޭޖްމަންޓް އެއްބަސްވުމެއް ހެދި އެވެ.

އެސްޓީއޯގެ ހޮޓާ މަޝްރޫއު ހުއްޓާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު އެންގި ނަމަވެސް ފަހުން ވަނީ ހޮޓާ ހިންގަން އެޗްޑީސީއާ އެކު 2020 ގައި އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ހޮޓާ ވިއްކާލަން ވަނީ ޖެނުއަރީ 2021 ގައި އިއުލާންކޮށްފަ އެވެ.

މިފަހަރު އެ ތަން ތަރައްގީ ކުރަން ނިންމާފައިވަނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭ ގޮތަށެވެ. އެގޮތުން ސަރުކާރުގެ ބޭނުމަށް 3.5 ފްލޯ ސްޕޭސްގެ ސަރަހައްދެއް ކަނޑައަޅާނެ އެވެ. އެތަނުގައި މީޑިއާ ވިލެޖު ޔޫތު ސެންޓަރު (އީ-ސްޕޯޓްސް)، ހެރިޓޭޖް ކޮލެޖު އަދި މެޑިކަލް ކޮލެޖު ހެދުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.

މަސައްކަތް ފަށާތާ ހަތަރު މަހުގެ ތެރޭގައި އެ ތަންތަން ނިންމައި ހަވާލުކުރަން ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީން ބުނީ ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރީގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކު އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ"ންނެވެ.