ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވައިފި އެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރު އަމީން އަށް ނޯޓިސް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މިދި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައިއޮތް ޒުވާނާގެ މައްސަލައާއި އަމީންއާ ގުޅުމެއް ވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައި ވަނީ އެ ހާދިސާގައި އޭނާގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީ ކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަމަށެވެ. ނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރު ކޮށްފައިވާ ކަމަށް މައްސަލާގައިވެ އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ ގޭގެ ޓެރަހުގައި ވަނީ ޕާޓީއެއް ބާއްވާފަ އެވެ. އެކަމާ ގުޅިގެން ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން އެދުމުން އެގެއިން ބުނެފައި ވަނީ ކެމެރާތައް ހަލާކުވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު ނިވްސް ކޮންފަރެންސްއެއް ބޭއްވި ވަގުތު މިނިސްޓަރު އަމީން ކޮމިޝަނަރަށް ގުޅުއްވިކަން ވަނީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން އަމީން ވިދާޅުވީ އޭނާ ކޮމިޝަނަރަށް ގުޅުއްވީ ކޯޓް އަމުރަކާ ނުލައި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ.