ބޮލީވުޑްގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ އެކްޓަރުން ކަމަށްވާ ހާނިއާ އާމިރުއާއި މަހީރާ ޚާންގެ އިންސްޓަގްރާމް އެކައުންޓް އިންޑިއާގައި "ބްލޮކް"ކޮށް އެގައުމުން ބަދަލު ހިފައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އިއްޔެއިން ފެށިގެން ހާނިއާއާއި މަހީރާ ހިމެނޭހެން ޕާކިސްތާނުގެ ގިނަ ތަރިންތަކެއްގެ އިންސްޓަގްރާމް އެކައުންޓް އިންޑިއާގައި ނުފެންނަ ގޮތް ވަނީ ހަދާފަ އެވެ.

މިއީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދެކުނު ކަޝްމީރުގެ ސަރަހައްދެއް ކަމަށްވާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމެއް ކަމަށް ބުނެވެ އެވެ.

ޖުމްލަ 26 މީހުން މަރުވި އެ ހަމަލާ ދިނީ ޕާކިސްތާނުގެ ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓުން ކަމަށް އިންޑިއާއިން ތުހުމަތު ކުރާއިރު އެކަމުގެ ސަބަބުން އިންޑިއާ-ޕާކިސްތާނުގެ ގުޅުން ވަނީ އިތުރަށް ނުތަނަވަސްވެފަ އެވެ.

ޕާކިސްތާނުގެ އެކްޓަރުންގެ ސޯޝަލް މީޑިއާ ބްލޮކް ކުރުމުގެ އިތުރުން އެ ގައުމަށް ނިސްބަތްވާ އެކްޓަރުންގެ ފިލްމުތައް ވެސް ބޮއިކޮޓް ކުރަން އަންނަނީ ގޮވާލަމުންނެވެ.

އެގޮތުން ޕާކިސްތާނަށް ނިސްބަތްވާ ތަރި ފަވާދު ޚާންގެ ފިލްމު "އަބީރު ގުލާލް" ރިލީޒް ކުރަން ތައްޔާރު ވެފައި ވަނިކޮށް އެ ހަމަލާ ދިނުމުން މިހާރު އެ ފިލްމު ރިލީޒް ކުރުން ވަނީ ކެންސަލް ވެސް ކުރެވިފަ އެވެ.

ޕަހަލްގަމް ހަމަލާއާއެކު އިންޑިއާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން އެގައުމުން ފައިބަން 48 ގަޑިއިރުގެ މުހުލަތެއް އިންޑިއާއިން ދީފައިވެ އެވެ.