މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިރޭ ކުރި މުޒާހަރާއަށް ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
މުޒާހަރާކުރިއަށްދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭ ޖަހާފައެވެ. ޕެޕަސްޕްރޭ ޖެހުމާއެކު މުޒާހަރާ ހޫނުވެ ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔައެވެ.
މުޒާހަރާގައި މީހުން ހައްޔަރުކުރިނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރި އަޑުގަދަކުރާ ވެސް އަތުލައިގެންފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ޒުވާނުން މުޒާހަރާކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ޒުވާނުންގެ ޑިމާންޑާއެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފަ އެވެ.