ރަޖިސްޓްރީ ނުކޮށް ފައިސާ އިންވެސްޓުކުރާ ސްކީމްތަށް ހިންގާ ފަރާތްތަކާމެދު ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ހުއްދަ ނުހޯދައި، މާލީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ވިއްކަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، އެފަދަ ސްކީމްތައް ހިންގޭނީ ސީއެމްޑީއޭގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން އެކިއެކި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، އެފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު ސަމާލުވުމަށާއި އިންވެސްޓު ކުރުމަށް ނިންމުމުގެ ކުރިން، އިންވެސްޓް ކުރުމަށް ދައުވަތުދޭ ފަރާތަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށް ސީއެމްޑީއޭއިން ވަނީ އެދިފަ އެވެ.

ހުއްދައާއި ރެޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިދާ ލިބޭނެ ކަމަށް ދައްކައިގެން އިންވެސްޓްމެންޓް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް ސީއެމްޑީއޭއިން އެދެ އެވެ.

ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ބެލެން ހުރެ އެވެ. ނުވަތަ އެ އޮތޯރިޓީގެ ނަންބަރު 3336619 ފޯނާ ގުޅުއްވައިގެން އެ މައުލޫމާތު ސާފުކުރެވޭނެކަމަށް ސީއެމްޑީއޭއިން ބުންޏެވެ.

ހުއްދަ ނެތި މި ފަދަ ސްކީމްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ނުވަތަ ޝަކުވާ ހުށަހެޅުމަށް އެ އޮތޯރިޓީއަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގައި މިފަދަ ސްކީމްތައް ހިންގުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އަނބުރާ އެ ފައިސާ ނުލިބުމުގެ އެތައް މައްސަލައެއް މީގެކުރިން ފެންމަތިވެފައިވެ އެވެ.