އެންމެ ދިވެއްސަކުވެސް މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ދެއްވި ޚިތާބުގައި ވަނީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށާއި ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުންކަމަށެވެ.

"އެންމެ ދިވެއްސަކު ވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ. ދިވެހިން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މި ޚިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންގެންދާ ކަމަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބެއް ހޯއްދަވާނެ ކަމަށެވެ.

ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށާއި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.