މޯލްޑިވްސް ބްރޯޑްސްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 22 ގެ ނިޔަލަށެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރު އާމިނަތު ސަހާރަތު އިއްޒަތުގެ މަގާމުގެ މުއްދަތު އަންނަ އޭޕްރީލް މަހު ހަމަވާތީ އެވެ.

މިމަގާމަށް ކުރިމަތިލުމުގެ ޝަތުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ މުސްލިމް، ދިވެހި ރައްޔިތަކަށްވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ފާއަތުވި ފަސް އަހަރުތެރޭ ޝަރީއަތުން ސާބިތުވެފައިވާ މީހަކަށްނުވުމެވެ.

މީގެ އިތުރުން ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހަކަށް ނުވުމާއި، ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ލާޒިމެވެ.

މިއާއެކު، މަގާމަށް ކުރިމަތިލާ މީހަކީ ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުންވެސް އިންތިހާބުކުރެވޭ ނޫނީ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

ބްރޯޑްކޮމްގެ މެމްބަރުންނަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން އައްޔަންކުރާ ބޭފުޅުންނެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެވުނީ ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އުޅުނު މުހައްމަދު ފަޒީން އެވެ.

ބްރޯޑްކޮމްގެ ރައީސަކަށް މިހާރު ހުންނެވީ މަރިޔަމް ވަހީދާއެވެ. ކޮމިޝަނުގައި ދެން ހިމެނެނީ ނައިބު ރައީސް އަހުމަދު ގައިސް އާއި، މެމްބަރު އަމްޖަދު ވަހީދު އާއި، މެމްބަރު އާމިނަތު ސަރާހަތު އިއްޔަތު އާއި، މެމްބަރު އަލީ ޔޫސުފްގެ އިތުރުން މެމްބަރު އާމިނަތު އަމީނާ އެވެ.