ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ނިންމާފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފި އެވެ.

ޒަރީރު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 24 ގަ އެވެ.

ބީއެމްއެލް އިން ބުނީ، ބީއެމްއެލްގައި ޒަރީރު ދެއްކެވި ހަރުދަނާ ލީޑަޝިޕަށާއި ދެއްވި އަގުހުރި ލަފަޔާއި އިރުޝާދަށް ޝުކުރު ދަންނަވާ ކަމަށާއި ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

ބީއެމްއެލްގެ ހިންގާ ގަވައިދު ބުނާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެމްބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެމްބަރުންނާ އެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުން ކަމަށެވެ. އެއީ ސަރުކާރުން އައްޔަން ކުރައްވާ ދެ މެންބަރުންގެ މަގާމު ހުސްވުމާއި ގުޅިގެން ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ. ބޭންކުގެ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހު ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމަށެވެ.