ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އެ ގައުމަށް އަނބުރާ ގޮސްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބިއިރު މިދިޔަ މާޗު މަހު އެއް ޕްލެޓްފޯމު އަދި މިދިޔަ އޭޕްރިލް މަހު އަނެއް ޕްލެޓްފޯމުގައި ތިބި ސިފައިން ވަނީ ފޮނުވާލާފަ އެވެ. މިހާރު ފޮނުވާލާފައިވަނީ ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބީ އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް ހާމަކުރަން ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ. އެކި ފަހަރު ބުނަނީ އެކި އަދަދުތަކެވެ.