މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ބަދަލުކޮށް ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަ ދެއްވައި އެ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ރައީސް ހަމަޖައްސަވައި ކަމާބެހޭ އިދާރާތަކަށް އެކަން އަންގަވާފައިވާ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުން ކުރަމުންދާ ޖަގާ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން އެ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން މިދިޔަ މަހު ރައީސް ޑރ. މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީއާ ގުޅިގެން ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން މިދިޔަ އޭޕްރީލް 26 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފަ އެވެ.

މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ވަނީ ދެއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅު ކުރެއްވުމުގައި، ދައުލަތުގެ އާމުދަނީ އާއި ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވާ ކަމަށެވެ.

"މިގޮތުން، ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ޚިދުމަތްތައް މި ދެ ހޮސްޕިޓަލްގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ދަނީ ކުރައްވަމުންނެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދިންގެ ކަންކަމުގައި، ޚާއްސަކޮށް މަތީ ތަޢުލީމު އުނގެނޭ ކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި އެމަނިކުފާނު ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ގައުމީ ޔުނިވަސިޓީއިން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި އެ ޔުނިވަސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސްގެ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވިދާޅުވި އެވެ.