ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅަކީ އިއްޔެ އިން ފެށިގެން މި މަހުގެ 10 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޒަމީރު އިންޑިއާ އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށާ އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ. އަދި އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީ އަށެވެ.