ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓްއަކީ އޭނާގެ އިންޓަވިއުތަކުގައި އާއްމުކޮށް ކުދި ކުދި ކުށް ކިޔާ ތަރި އެކެވެ. އެގޮތުން އަނެއްކާ ވެސް މިވަނީ އޭނާގެ ކުށެއް ފާހަގަވެފަ އެވެ.

އެގޮތުން މިފަހަރު އޭނާއަށް ކުށް ކިޔުނީ މިފަހުން އޮތް މެޓް ގާލާގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ލައިގެން ހުރި ހެދުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އާލިއާ އިންޓަވިއުގައި ބުނީ އޭނާ ލައިގެން ހުރި ހެދުން ތައްޔާރު ކުރަން 163 މީހުން 1965 ގަޑިއިރު މަސައްކަތްކުރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން އާއްމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އާލިއާ ބުނީ އެ ހެދުމަށް ހޭދަވީ 1905 ގަޑިއިރު ކަމަށެވެ.

މިއަހަރުގެ މެޓް ގާލާގައި އާލިއާ ބޭނުން ކޮށްފައިވަނީ ސަބްޔަސާޗީ މުކަރްޖީ ޑިޒައިން ކޮށްދީފައިވާ މަޑު ފެހިކުލައެއްގެ ސާރީ ގައުން އެކެވެ.

މީގެ ކުރިން ވެސް އާލިއާ ވަނީ އެކި އިންޓަވިއުތަކުގައި ގޯސް ހަދާފަ އެވެ. އެގޮތުން ކޮފީ ވިތު ކަރަންގައި އިންޑިއާގެ ރައީސަކީ ކޮބައިތޯ އެހުމުން ޕްރަނާބް މުކަރްޖީގެ ބަދަލުގައި އާލިއާ ބުނެފައިވަނީ ޕްރިތުވީރާޖް ޗޯހާންގެ ނަމެވެ.