ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ފ. ނިލަންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ފާތިމަތު ސައުދާ ގެނައުމަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

"ސައުދީ ފޯ ޑެޕިއުޓީ ސްޕީކާ" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން ސައުދާ ނައިބަކަށް ގެންނަން ކެމްޕޭން ކުރަމުންދާ އިރު ސައުދާ ވަނީ އެއީ އޭނާ އަށް އެނގިގެން ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކައުންޓާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ ސައުދާ ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ.

އަޑު ފެތުރިފައިވާ ގޮތުގައި ރައީސް މުއިއްޒު ބޭނުންފުޅު ވަނީ މަޖިލީހުގެ ރައީސް އަށާއި ނައިބަކަށް އެމަނިކުފާނަށް އެންމެ އިތުބާރު ކުރެވޭ ބޭފުޅުން ގެނައުމަށެވެ. އެ ގޮތުން މަޖިލީހުގެ ރައީސް ކަމަށް އެންމެ ބޮޑަށް ފައިނަންގަވާފައި ވަނީ މުއިއްޒު ރައީސް ކަމަށް ގެނައުމަށް ޕާޓީގެ އެތެރޭން އެންމެ ބޮޑަށް މަގު ކޮށައިދެއްވި ލ. ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަގާމަށް ދެން އެންމެ ބޮޑަށް ޝައުގުވެރި ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެކެވެނީ ރައީސް މުއިއްޒުގެ ތިމާގެ ބޭފުޅެއް ކަމަށްވާ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މިހާރުގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމް އެވެ.

މަޖިލީހުގެ ނައިބް ރައީސަކަށް އަންހެން ބޭފުޅަކު ހަމަޖެއްސުމަށް ކެމްޕޭން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ސައުދާ އަށް އެ މަގާމު ހޯދައިދިނުން ކަމަށްވެ އެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ 93 ދާއިރާ އަށް ކުރިމަތިލި 45 އަންހެނުންގެ ތެރޭން ގޮނޑި ކާމިޔާބު ކުރެވުނީ ސައުދާގެ އިތުރުން ދެ ބޭކަނބަލަކަށެވެ. އެއީ މާފަންނު މެދު ދާއިރާ އަށް އަސްމާ ރަޝީދު އަދި ހުރާ ދާއިރާ އަށް އަނާރާ ނައީމެވެ. މި ދެކަނބަލުން ވެސް ވަނީ 18 ވަނަ މަޖިލިސްގެ މެންބަރުކަން ކުރައްވައިފަ އެވެ.

ސައުދާ އަށް ގޮނޑި ކާމިޔާބު ކޮށްދެވުމަށް ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ކެމްޕޭން ކޮށްދެއްވައިފަ އެވެ. އެ ގޮތުން ފ. މަގޫދޫ ހަދަމުން ދިޔަ އެއާޕޯޓުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް، ކައިރީގައި އޮތް ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅާނެކަން މުއިއްޒު އިއުލާން ކުރެއްވީ ސީދާ ސައުދާގެ ކެމްޕޭނަށް އަމާޒުކުރައްވައިގެން ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.