ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ދަށުން، ކޮންމެ އަހަރަކުވެސް ދެފަހަރު އުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ދިނުމަށް އިއުލާނުކުރަން ޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމާ ބެހޭ އުސޫލުގައިވާގޮތުން ރާއްޖެއިން އުމްރާއަށް މިހުން ގެންދިޔުމުގެ ހުއްދަ ދޫކުރަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވުމުގެ އިތުރުން އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ މުއްދަތުގައި ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގެ ދަށުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.