ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކެރެކްޓަރަށް ފެތުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް އެކްޓަރު ކަމަށްވާ ވިކީ ކޯޝަލް، އޭނާގެ ކުރިއަށް އޮތް ފިލްމު 'ލަވް އެންޑް ވޯ'އަށްޓަކައި ބޮޑު ތަރުހީބެއް ލިބޭނެ ފަދަ ހައިރާންކުރުވަނިވި ބަދަލުތަކެއް ހަށިގަނޑަށް ގެނެސްފި އެވެ.
މިއީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވާއިރު، މި ރޯލަށް ފެތުމަށްޓަކައި އޭނާ ވަނީ އާދަޔާހިލާފު ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ފިލްމުގެ މަސައްކަތްތައް ކުރިއަށްދާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ފިލްމުގައި ވިކީ ކުޅޭ ކެރެކްޓަރުގެ ދެ ދުވަސްވަރެއް ނުވަތަ ދެ ސިފައެއް ދައްކުވައިދޭން ޖެހެ އެވެ. އެގޮތުން ފިލްމުގެ ކުރީކޮޅުގެ މަންޒަރުތައް ކުޅުމަށްޓަކައި ވިކީ ފުރަތަމަ ވަނީ ބުރަ ޑައިޓަކާއެކު 12 ކިލޯއަށްވުރެ ބޮޑަށް ބަރުވެފަ
އެވެ. އޭގެ ފަހުން، ފިލްމުގެ އެންމެ މުހިންމު ކްލައިމެކްސް މަންޒަރުތައް ޝޫޓްކުރުމާ ދިމާކޮށް، އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި 15 ކިލޯ ހިއްކާލައި ބޮޑު ބަދަލެއް ގެނެސްފަ އެވެ.
'ލަވް އެންޑް ވޯ' އަކީ ލޯބީގެ ރީތި މަންޒަރުތަކެއްގެ މައްޗަށް ބިނާކޮށް، ވަޔާއި ވައިގެ ސިފައިންގެ (އެއާފޯސް) ޕައިލެޓުންގެ ދިރިއުޅުމުގެ ފަސްފަހަތުގައި އުފައްދާ ތާރީހީ ފިލްމެކެވެ.
ރަސްމީކޮށް ފިލްމުގެ ވާހަކަ މީޑިއާއަށް ތިލަނުކުރި ނަމަވެސް، ފިލްމުގެ އެތެރޭގެ މަޢުލޫމާތުތައް ބުނާގޮތުން ވިކީ ކޯޝަލް އަދި ރަންބީރު ކަޕޫރު ފެނިގެންދާނީ އެއާފޯސް ޕައިލެޓުންގެ ގޮތުގަ އެވެ. މި ދެ ތަރިންގެ އިތުރުން ފިލްމުގެ ބަތަލާގެ ބައިން ފެންނާނީ ހުނަރުވެރި އާލިއާ ބަޓް އެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގާތް ފަރާތަކުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ވިކީ އޭނާގެ ކެރެކްޓަރަށް ގެންނަންޖެހޭ ބަދަލުތަކަށް ދޭ ސަމާލުކަމާއި އަހަންމިއްޔަތުކަން ފެނިފައި މުޅި ޓީމު އަންތަރީސްވި ކަމަށެވެ. ފިލްމުގެ ޝޫޓިންގ ތެރޭގައި ހަށިގަނޑުގެ ބަރުދަނަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ނަމަވެސް، ވިކީ ވަނީ އޭނާގެ ހުނަރާއި ސާބިތުކަން ދައްކައިދީފަ އެވެ.
މިއީ ވިކީ އޭނާގެ ފިލްމީ ކެރިއަރުގައި މިފަދަ ބޮޑު ޓްރާންސްފޮމޭޝަނެއް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ 2025 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ބްލޮކްބަސްޓަރ ފިލްމު 'ޗާވާ'ގައި ރާޖާ ޝަމްބާޖީ މަހާރާޖްގެ ތާރީޚީ ރޯލު ކުޅުމަށްޓަކައިވެސް މިއަށްވުރެ ބުރަ އަދި ވަރުގަދަ ކަސްރަތުތަކެއްކޮށް، ހަށިގަނޑު ވަރުގަދަ ކޮށްފަ އެވެ.
މި ފިލްމު ފުރަތަމަ ރިލީޒްކުރަން ރާވާފައިވަނީ 2025 ވަނަ އަހަރުގެ ކްރިސްމަސް ބަންދަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތްތައް ބޮޑުވެފައި، ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކި ފަހަރު މަތިން ތާރީހުތައް ފަސްކުރުމަށްފަހު، މިހާރު ރަސްމީކޮށް އިޢުލާން ކޮށްފައިވާ ގޮތުން 'ލަވް އެންޑް ވޯ' ސިނަމާތަކަށް އަންނާނީ 21 ޖެނުއަރީ 2027ގަ އެވެ.
ހާއްސަ ޝަރުތަކާއެކު "އޮބްސެޝަން" އޯޓީޓީ ޕްލެޓްފޯމްތަކަށް!
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟