ހަތަރު އަހަރު ފަހުން ޑުއާ ލިޕާގެ އާ އަލްބަމެއް ނެރެފި އެވެ.

ޑުއާގެ އާ އަލްބަމަށް ކިޔަނީ "ރެޑިކަލް އޮޕްޓިމިޒަމް" އެވެ. މި އަލްބަމްގައި 11 ލަވަ ހިމެނެ އެވެ. މި އަލްބަމްގެ ލަވަތަކުގެ ތެރޭގައި ކުރިން ރިލީޒް ކޮށްފައިވާ ސިންގަލް ލަވަ "ހުޑީނީ" ހިމެނެ އެވެ.

ޑުއާ ބުނެފައިވާ ގޮތުގައި މި އަލްބަމަކީ ހަޔާތުގައި ދިމާވާ އުނދަގޫ ދަނޑިވަޅުގައި ޕޮސިޓިވްކޮށް ވިސްނުމާ ބެހޭގޮތުން އުފައްދާފައިވާ އަލްބަމެކެވެ. ރޯލިންގް ސްޓޯން މެގެޒިން އިން މި އަލްބަމް އަކީ " ޕޮޕް ބްލިސް" އެއް ކަމަށް ބުނެފައިވެ އެވެ.

ދެހާސް ސަތާރާގައި އެންމެ ފުރަތަމަ އަލްބަމް ނެރުނު ޑުއާ އަކީ ތިން ފަހަރު ގްރެމީ އެވޯޑް ލިބިފައިވާ ލަވަކިޔުންތެރިއެކެވެ. އަދި ޑުއާއަށް ވަނީ 7 ފަހަރު އިނގިރޭސިވިލާތުގެ ބްރިޓް އެވޯޑް ލިބިފަ އެވެ. ޑުއާގެ ލަވަތައް 40 ބިލިއަން ފަހަރު ސްޕޮޓިފައިގައި ސްޓްރީމް ކޮށްފައިވެ އެވެ.

މި އަލްބަމާއި އެކު ޑުއާ ވަނީ އައު ޓުއާ ތާރީހްތަކެއް އިއުލާން ކޮށްފަ އެވެ. "ލެވިޓޭޓިން" އަދި "ނިޔު ރޫސްލް" އެއީ ޑުއާ ލީޕާގެ މަޝްހޫރު ލަވަތަކެވެ.