ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގަ އެވެ.

އެ ހަމަލާ އަށް މިއަދަށް ތިން އަހަރުވެފައިވާ އިރު، އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް އާންމު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމަންޑޭޝަންތައް ވީހާވެސް އަވަހަށް ފުރިހަމައަށް އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެއިން ހަރުކަށިފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން. އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއްކަމުގައި ވެސް ދެކެން." އަސްލަމް ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.