މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަޟީހަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރުގައި، އާންމުންގެ ޕިކަޕަކުން ޖެހުމުން، އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ފާޑު ކިއުން އިންމު އަށް އަމާޒުވުމުންނެވެ.

އެ މައްސަލައިގެ ތެރެއަށް އިންމު ވެދެވަޑައިގެން އާންމުންގެ މީހާ އަށް މާފުކޮށް ދިނުމަށް އިމްރާންގެ އަރިހުން އެދިވަޑައިގެންނެވި އެވެ. އަދި މާފްކޮށް ނުދެއްވޭ ނަމަ، ކާރު ހަދަން ދާ ހަރަދު ދޭން ތައްޔާރަށް ހުންނެވި ކަމަށް އިންމު ވިދާޅުވި އެވެ.

އެ ވީޑިއޯގައި އިމްރާން އެއްވެސް އެއްޗެއް ވިދާޅުވާ ތަނެއް ނުފެނެ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.

ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ" ރައީސް ވިދާޅުވިއެވެ.