ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިރޭ 9:00 ޖަހާއިރު ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައި އޮންނަ މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން މީޑީއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއަކީ ސިއްރު ޖަލްސާއެއް ކަމަށެވެ. އެހެން ނަމަވެސް ޖަލްސާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށް އެޕާޓީން ބުނެ އެވެ.

އޮންލައިން ނޫހަކަށް ދެއްވި އިއްޓަވިއުއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ބައްޔަކީ ކުރީން ލަފާކުރި ބައްޔެއް ނޫން ކަމަށާއި އެ ބަލިން އަރައިގަތުމަށް ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ މަޝްވަރާތަކެއް ކުރަމުން މިދަނީ މި އިންތިހާބިގައިވީ ގޮތާއި ކުރިމަގުގައި ކަަންކަން ބައްޓަން ކުރާނެ ގޮތާ. (މިރޭ) ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ފުޅާކޮށް މަޝްވަރާ ކުރުމަށް" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑީއާގައި ގޮވާލައިފައިވެ އެވެ.

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ތެރެއިން އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ. ވާދަވެރި އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ.