ރާއްޖެ ޓީވީ އާއި ޗެނަލް13 ގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދީފި އެވެ.

ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށްދިނުމަސް އެދި އެ ސްޓޭޝަނުން ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ.

ރާއްޖެ ޓީވީން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ފޮނުވި ސިޓީގައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފަ އެވެ.

ރާއްޖެ ޓީވީ އާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ސްޓޭޝަނުން ވަނީ އެދިފަ އެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރައޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

މީގެ އަހަރުތަކެއް ކުރިން އޮކްޓޯބަރު 7، 2013 ގައި ވަނީ ރާއްޖެ ޓީވީ އޭރު ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލާފައިވެ އެވެ.

އެ މައްސަލާގައި ގިނަ ބަޔަކަށް ދައުވާކޮށްދޭން ފުލުހުން އެދުނު ނަމަވެސް ޕީޖީ އޮފީހުން ދައުވާކުރީ އެންމެ މީހަކަށެވެ. އެއީ ހ. ގަސްވާ، މުހައްމަދު މީއާދެވެ. އޭނާއަށް ކުރި ދައުވާ ސާބިތުވެ ދެ އަހަރަށް ޖަލަށްލާން ޑިސެމްބަރު 16، 2021 ގައި ވަނީ ހުކުމް ކޮށްފަ އެވެ.