ބޮލީވުޑްގެ ވެޓެރަން އެކްޓަރެއް ކަމަށްވާ ޝަބާނާ އާޒްމީ ބޮލީވުޑްގައި މަސައްކަތްކުރާތާ 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރަން ނިންމައިފި އެވެ.

އެގޮތުން އަންނަ ޖޫން މަހުގެ ތެރޭގައި ބާއްވާ ނިއުޔޯކް އިންޑިއަން ފިލްމު ފެސްޓިވަލްގައި އޭނާއަށް ހާއްސަ ޝަރަފެއް އަރުވަން މިހާރު ވަނީ ނިންމާފަ އެވެ.

އެ ފެސްޓިވަލްގެ ތެރޭގައި ޝަބާނާގެ ގިނަ ފިލްމުތަކެއް އަޅުވާއިރު އޭގެ ތެރެއިން ވެސް 1996 ވަނަ އަހަރު ނުކުތް ފިލްމު "ފަޔާ" ފާހަގަކޮށްލެވެ އެވެ.

މިކަމާ ބެހޭ ގޮތުން ޝަބާނާ ބުނީ ނިއުޔޯކް އިންޑިއަން ފިލްމު ފެސްޓިވަލްއާއެކު އޭނާގެ ގުޅުން އަހަރުތަކަކަށް ކުރިއަށް ގޮސްފައިވާ ކަމަށާއި އެފަދަ ޝަރަފެއް އަރުވަން ނިންމީތީ އުފާކުރާ ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ދޭ ހާއްސަ އިނާމެއް ކަމަށްވާ "ޕަދްމާ ޝްރީ"އާއި "ޕަދުމާ ބުޝަން"ވެސް ހާސިލް ކޮށްފައިވާ ޝަބާނާ މިހާތަނަށް 140 ބޮލީވުޑް ފިލްމާއި 12 ބައިނަލްއަގްވާމީ އުފެއްދުންތަކުން ފެނިފައިވެ އެވެ