އާމިރު ޚާންއަކީ މިހާރު ބޮލީވުޑްގައި ނަންކިޔާ ކުޅަދާނަ ފަންނާނެކެވެ. އޭނާއަކީ ބޮލީވުޑްގެ އާއްމު ނަމުންނަމަ "ދަ ޕާފެކްޝަނިސްޓް" އެވެ.

އެހެން ނަމަވެސް އާމިރް އެންމެ ފުރަތަމަ ބޮލީވުޑަށް ވަތް ދުވަސްވަރު ދިމާވި އުނދަގޫތައް ގިނަ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދާއިރާއަށް ވަންނަން މައިންބަފައިން ނުރުހުން ކަމަށް އާމިރު ބުނެފައިވެ އެވެ. އެގޮތުން އޭނާ ދާއިރާއަށް ވަނުމާމެދު މަންމައާއި ބައްޕަ ހުރީ ދެ ވިސްނުމެއްގައި ކަމަށް އާމިރު ބުންޏެވެ.

"މައިންބަފައިން ބޭނުންވީ އެމީހުންގެ ދަރިން ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއަކަށް ވަންނަން. އެހެންވެ މަންމައާއި ބައްޕަ މިކަމަށް ވަރަށް ދެކޮޅު ހެދި" އާމިރު ބުންޏެވެ.

އެހެން ނަމަވެސް ދާއިރާގައި އޭނާ ކުރި ހިތްވަރުން ލިބެން ފެށި ކާމިޔާބާއެކު މައިންބަފައިންގެ ވިސްނުން ވެސް ބަދަލުވިކަން އާމިރު ފާހަގަކުރި އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އާމިރު ދެން އެންމެ އަވަހަށް ފެންނާނީ ގިނަ ބަޔަކު އިންތިޒާރުކުރާ "ސިތާރޭ ޒަމީން ޕަރު" އިންނެވެ.