ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ހެނދުނު 7:00 އިން ފެށިގެން 12:00 އާ ހަމައަށް ގުގުރުމާ އެކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މިދިޔަ މާޗް މަހާއި މި މަހަކީ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށް ހޫނު ދުވަސްވަރެކެވެ. ގަދަ ހޫނަށް ފަހު މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެެވ.

މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނެވެ.

މާލެ އަށް މޫސުން ގޯސްވެގެން ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގޭގެއަށް ފެން ވަންނަ ކަމުގެ ރިޕޯޓު ވެސް ދަނީ ލިބެމުންނެވެ.