ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެއްވެސް ބަޔަކު މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ.

އެގޮތުން ނޫސްވެރިންނަށް ވެސް ރައީސް އޮފީހަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

ރައީސް އޮފީހުން އެގޮތަށް އެންގީ، މިއަދު ހެނދުނު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިންނަށެވެ.

ރައީސް އޮފީހުން އެގޮތަށް އެންގުމުން ފޯނާ ނުލައި ޕްރެސް ރޫމަށް ވަނުމަށް ނޫސްވެރިން ވަނީ ދެކޮޅު ހަދައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ، ރައީސް އޮފީހުން ވަނީ މިއަދުގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ދީފަ އެވެ.

އެހެން ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން މިއަދު ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

ނޫސްވެރިންނަށް ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސަލާމަތީ ސަބަބުތަކަކަށެވެ. މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

މިއީ ނޫސްވެރިންނަށް، ރައީސް އޮފީހުގެ ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުސޫލުގައި އިސްތިސްނާ ވަނީ ހަމައެކަނި މިނިސްޓަރުންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެން އިސްވެރިންނާއި އެހެނިހެން ބޭފުޅުންނަށް ވެސް މިކަން އޮތީ މަނާކޮށްފަ އެވެ.