މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ އޭގެ އެންމެ ކުރިބޯއްޓަށް ތަރައްގީ ވެފައިވާއިރު އެކަމުގެ ސަބަބުން އިންސާނީ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ވަނީ އައިސްފަ އެވެ.

އެގޮތުން ޓެކްނޮލޮޖީގެ ތާރީހުގައި ވެސް މިހާތަނަށް ކުރެވުނު އެންމެ އިންގިލާބީ އެއް އީޖާދަލަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ "އޭއައި" އެވެ.

އާޓިފިޝަލް އިންޓަލިޖެންސްއަކީ މަސްނޫއީ ބުއްދިއަކުން އިންސާނެއްގެ އެހީއަކާ ނުލާ އަމިއްލައަށް ކަންކަން ދެނަގަނެ އެކި ކަންކަން ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެކްނޮލޮޖީ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ބޭނުންތަކަށް އާޓިފިޝަލް އިންޓަލިޖެންސް ބޭނުން ކުރަން މިހާރު ވަނީ ފަށާފަ އެވެ. މަގު ކުނިކެހުމުން ފެށިގެން އެންމެ މަތީ ފެންވަރުގެ ތަންތަނުގައި ކަސްޓަމަރ ސާވިސްގެ ހިދުމަތް ދޭން ވެސް އާޓިފިޝަލް އިންޓެލިޖެންސް މިއަދު ބޭނުން ކުރެވެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން އިންސާނީ ދިރިއުޅުމުގައި ފުޅާ ވަމުން އައުމާއެކު ދެން އުފެދުނު ސުވާލަކީ އިންސާނުންގެ މައްޗަށް އާޓިފިޝަލް އިންޓެލިޖެންސް އަތްގަދަ ކޮށްފާނެތޯ ކުރެވުނު ސުވާލެވެ.

އާއްމުކޮށް އިންސާނުންގެ ވަޒީފާތަކުގައި އޭއައި ރޮބޮޓުން ބޭނުން ކުރުމަކީ އިންސާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް މަދުވެ ޓެކްނޮލޮޖީއަށް ބަރޯސާވުން އިތުރުކޮށްދޭނެ ކަަމެކެވެ.

އެހެން ނަމަވެސް ސައިންސްވެރިން ދޭ ޔަގީން ކަމަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ތަރައްގީއާއެކު ވެސް އެއީ އިންސާނުންގެ މައްޗަށް އަތްގަދަ ކުރެވޭނެ ކަމެއް ނޫން ކަމެވެ.

އެހެނީ އިންސާނުންގެ ފަރާތުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލިބޭ އިންސާނިއްޔަތުކަމާއި އިހުސާންތެރިކަން އޭއައި ރޮބޮޓުންގެ ފަރާތުން ނުލިބޭނެކަން އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ޓެކްނޮލޮޖީއަކީ އިތުރަށް ތަރައްގީ ވާނެ އެއްޗެކެވެ. އެއީ އިންސާނުންގެ ދިރިއުޅުން ލުއި ފަސޭހަ ކޮށްދޭ އެއްޗަކަށްވާއިރު އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މުހިއްމު ކަމެކެވެ.