ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން އެ ދެމަފިރިންގެ ދަރިން، ތައިމޫރު އަލީ ޚާންއާއި ޖެހަންގީރް އަލީ ޚާންއާއެކު ތަންޒާނިއާގައި ހޭދަކުރި ޗުއްޓީގެ ބައެއް އުސްއަލިތައް ދައްކާލައިފި އެވެ.

ކަރީނާ ކަޕޫރާއި އޭނާގެ އާއިލާ ވަނީ މިދިޔަ މާޗު މަހު ތަންޒާނިއާގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ޗުއްޓީގައި ނަގާފައިވާ ބައެއް ފޮޓޯތައް ކަރީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި އެ ފޮޓޯތަކުގެ ތެރެއިން ފުރަތަމަ ދެ ފޮޓޯއިން ފެންނަނީ ކަރީނާ ކަޕޫރު ތަންޒާނިއާގެ ސަހަރާއެއްގެ ތެރޭގައި ދުއްވާ އެއްޗެއްގައި އިންދަ އެވެ. އެހެން ފޮޓޯތަކުގައި ވަށައިގެން ފެހިކަން ވާ ބިމެއްގައި ތައިމޫރު ހުއްޓިގެން ހުންނަ މަންޒަރު ފެނެ އެވެ.

ކަރީނާ އެ ފޮޓޯތައް ހިއްސާ ކުރުމާއެކު އިންސްޓަގްރާމްގައި ގިނަ ބަޔަކު އަންނަނީ އެ ފޮޓޯތަކަށް ތައުރީފުކޮށް ކޮމެންޓްތައް ކުރަމުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަރީނާ ދެން އެންމެ އަވަހަށް ފެންނާނީ ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" އިން އަޖޭ ދޭވްގަންއާ އެކުގަ އެވެ.