ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާ ވާދަކުރި ނަޒުރާ ނަސީމް (ނަޒޫ) އަށް ވޯޓު ނުދިނުމަށް ތަކުރާރުކޮށް ފައިސަލް ނަސީމް ގެންދެވީ އާދޭސް ދަންނަވަމުން ކަމަށް އެމްޑީޕީގެ ފުވައްމުލަކު ގޮފިން ބުނެފި އެވެ.

އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ނަޒޫ އަށް ކުރީގެ ނައިބު ރައީސް ފައިސަލް އެންޓި ކެމްޕޭނުކޮށް އިންތިޚާބު ނާކާމިޔާބުކޮށްލަން ކޮށްފައިވާ މަސައްކަތް ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.

ފައިސަލްއަކީ ނަޒޫގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ނަމަވެސް މިފަހަރުގެ މަޖްލިސް އިންތިހާބުގެ ކެމްޕޭނަށް ފައިސަލް ފުވައްމުލަކަށް ވަޑައިނުގަންނަވަ އެވެ.

"ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ގުޅުއްވާ ނަޛްރާ އަށް ވޯޓު ނުދިނުމަށް ތަކުރާރުކޮށް ގެންދެވީ އާދޭސް ދަންނަވަމުންކަން ހިތާމަޔާއެކު ފާހަގަކުރަން،" އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ މިދިޔަ ރިޔާސީ އިންތިޚާބުގައި 500 ވަރަކަށް ވޯޓުން މިދާއިރާއިން އެމްޑީޕީ ބަލިވެފައިވަނިކޮށް، މި އިންތިޚާބަށް އާ ހިތްވަރަކާއެކު ނުކުމެ އެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށް، އެންމެ 48 ވޯޓަަށް ފަރަގު ކުޑަކޮށްފައިވާ ކަމަށެވެ.

"ދާދިފަހުން އެމްޑީޕީ އާ ގުޅިވަޑައިގެން މަޖިލިސް ކެމްޕޭނުގައި އެކި ކެންޑިޑޭޓުންގެ ދާއިރާތަކަށް ވަޑައިގެންނެވިއިރު، މިދާއިރާއަށް ނިސްބަތްވާ އެތައް ރައްޔިތުން މިދާއިރާގެ ކެމްޕޭނަށް ފައިސަލް ނަސީމު ވަޑައިގަތުމަށް އެދުނު އެދުމަށް ވަނީ ބީރުކަންފަތެއް ދެއްވާފައި. އަދި ކެމްޕޭނަށް ފައިސަލް ނަސީމު ނުގެނެވޭނެ ކަމަށާއި އެމްނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ބުނެ، ވާދަވެރި ކެމްޕޭނު ޓީމުގެ ފަރާތުން ތަކުރާރުކޮށް ދިޔައީ ބަހުގެ ހަމަލާތަށް ދެމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ބުނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް މުހައްމަދު އަސްލަމް ހަމަޖެއްސުމާއެކު، ފައިސަލް ގެންދެވީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކުރަމުންކަން ހިތާމަޔާއެކު މި ފުރުސަތުގައި ފާހަގަކުރާ ކަމަށެވެ.

"އެއްވެސް ހާލެއްގައި މިއީ އާއިލީ މައްސަލައެއް ކަމަށް އަޅުގަނަޑުމެން ނުދެކެން. ޒިންމާދާރު މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު، ނިސްބަތްވަޑައިގަންނަވާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުނުކުރައްވާ، ވާދަވެެރި ކެންޑިޑޭޓަށް ވާގިވެެރިވުން ވެގެންދިޔައީ، މިދާއިރާގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންގެ ހައްގަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަަށް ދެކި އެކަން ކުށްވެރިކުރަން،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.