މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބްދުﷲ، ވެރިކަން ކުރާ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ޅ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި ޔާސީން، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނެވި ހައްސާން އަލިފުޅުއާ (ބާސް)އާ ވާދަކޮށްގެންނެވެ. އޭނާއަށް މި އިންތިހާބުގައި 1،038 ވޯޓު ލިބިފައިވެ އެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޔާސިރުއަށް 905 ވޯޓު ލިބިފައިވެ އެވެ.

ހައްސާން އަލިފުޅަކީ ޕީއެންސީގެ ކެންޑިޑޭޓެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ކުރިފުޅުމަތީ، ޔާސީން ޕީއެންސީއަށް ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަން ޔާސީންގެ އިންތިހާބީ އެޖެންޓް، ޒަކަރިއްޔާ ރިމްޒާން ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ސޮއިކުރެއްވީ، ރައީސް މުއިއްޒު އަރިހުގައި ރައީސް އެދިލެއްވި ގޮތަށް ޝަރުތަކާ ނުލާ. ބޭނުންވަނީ ނައިފަރަށް ތަރައްގީ ހުއްޓިފައިވާ ނައިފަރު ތަރައްގީ ހަލުވިކޮށް ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުން،" ރިމްޒާން އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ. "ފުރަތަމަ ދުވަހު ވެސް ބުނީން ޝައްކު ވެސް ނުކުރައްވާށޭ، ޔާސީން އަބްދުﷲ ގޮނޑި ރައީސް ޑރ. މުއިއްޒުއަށް ވެދުމަށް އަރުވާނަމޭ."

ޔާސީންގެ އިތުރުން އަމިއްލަ ގޮތުން ހޮވުނު ބައެއް ކެންޑިޑޭޓުން ވަނީ ޕީއެންސީއަށް ތާއީދުކުރާނެ ކަން ހާމަކޮށްފަ އެވެ.