މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ސަމާހުގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން އޭނާ މިއަދު ވަނީ އޮފީހަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަމާހް ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 18ގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު އަނެއްކާ ވެސް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރި އެވެ.

މިފްކޯއިން މިއަދު ބުނީ ސީއީއޯގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ ވެސް ވަނީ އުވާލައި ފައެވެ.

ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ކަންކަން މިފްކޯގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން މިފްކޯ އިން ވަނީ ނިންމައިފަ އެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް އިންކުއަރީއެއް ހެދުމަށެވެ.

ޝަމާހުއަށް ވަނީ މައިގަނޑު 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ. އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުން ހިމެނެ އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.