ޖިމް އަށް ދަނީ ހަމައެކަނި ބޮޑީ ބިލްޑް ކުރަން އަދި ކަސްރަތުކުރަނީ ހަމައެކަނި ހިކެންކަމުގައި ދެކެވުނު ދުވަސްވަރެއް ދިޔަ އެވެ. އޭރު ހިކިކޮށް ހަށިގަނޑު ހުންނަނަމަ، އެއީ ކަސްރަތުކުރަން ނުޖެހޭ މީހެއްކަމަށް މީހުން ދެކެ އެވެ. އަދި އެފަދަ މީހަކު ކަސްރަތު ކުރާނަމަ މީހުންގެ މަލާމަތް ރައްދުވެ ދިއަ އެވެ. ފާޒިލް އިސްމާއިލް (ފިޓްފާޒިލް) ކަސްރަތުގެ ތެރެއަށް ނިކުތީ އެފަދަ ހަގީގަތެއް ނެތް "މިތް"ގެ ހަގީގަތް މީހުނަށް އޮޅުފިލުވައިދީ، މީހުން ގެ ސިކުނޑިތައް އެ ކަސްތޮޅުތަކުން ސަލާމަތް ކޮށްދިނުމަށެވެ.

ފާޒިލް ކަސްރަތާ ކުޅިވަރުގެ ތެރެއަށް ނުކުތީ ވަރަށް ޅައުމުރުގަ އެވެ. އުމުރުން އެންމެ ހަ އަހަރުން ފެށިގެން އޭނާއަކީ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ޓީޓީ ޕޫލްގެ ބައިވެރިއެކެވެ. ޖޫނިއާ ނެޝަނަލްޓީމްގެ ޓީޓީ ކުޅުންތެރިއެކެވެ. މަޖީދިއްޔާ ސްކޫލް ނިންމައި ސްރީލަންކާއަށް ހާޑްވެއާ އިންޖިނިއަރިން ކިޔަވަން ދިއުމަށްފަހު ކުޅިވަރާއި ކަސްރަތުކުރުމަށް ކުޑަ މެދުކެނޑުމެއް އައި ނަމަވެސް، ކޯސްނިންމުމަށްފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ވަޒީފާ އަދާކުރަމުން، އަލުން ކަސަރަތުގެ ތެރެއަށް ނިކުތީ ފިޓްވެލުމަށެވެ. އަޖުމަބަލާލަން ޖިމްއަށް ވަދެލުން އެއީ ފާޒިލްގެ މުޅި ކެރިއާ ބަދަލުވެގެން ދިއުމުގެ ފެށުން ކަމުގައި އޭރު އޭނާ ހިތަށް ވެސް ނާރަ އެވެ.

ޖިމްއަށް ފުރަތަމަ ދިއުމުން މީހުން މަލާމާތް ކުރި

ފާޒިލް ފުރަތަމަ ޖިމަށް ދާން ފެށީ އުމުރުން 19 އަހަރުގަ އެވެ. އެ ދުވަސް ވަރަކީ ހަމައެކަނި ބޮޑީބިލްޑް ކުރުމަށް މީހުން ޖިމް ބޭނުންކުރި ދުވަސްވަރެވެ. ފާޒިލްގެ ވިސްނުން ވެސް އޭރު ހުރީ އެހެންނެވެ.

"އޭރު ހަށިގަނޑު ވަރަށް ހިކިކޮށް ހުންނާތީ ފަލަވެ ގައިގަ މަސްޖަހާލަން ބޭނުންވެގެން ހިތަށް އެރީ ޖިމްއަށް ގޮސްލަން ވެއްޖެޔޭ. އެކަމަކު އެތަނަށް ފުރަތަމަ ދިޔަ ދުވަހު، އެތާ ތިބި މީހުން ފެނިފައި ހިތަށް އެރީ ހާދަ ވަރުގަދަ މީހުންނޭ މިތާ މިތިބީ. ފާޒިލް ބިންދައިގެންނޭ ދާނީ،" ފާޒިލްގެ ފުރަތަމަ ތަޖުރިބާ ހިއްސާކޮށްލި އެވެ.

ފިޓް ފާޒިލް

އެ ދުވަސްވަރު މީހުން ހޭލުންތެރިވެފައި ނުވާތީ އާއި ފާޒިލް އެހާ ހިކިކޮށް ހުރެ ޖިމްއަށް ދާތީ އެކަން ހުއްޓުވަން ބައެއް މީހުން ދިމާ ކޮށްހެދިކަން ފާޒިލް ފާހަގަކުރި އެވެ.

"ޑަމްބެލް (ބަރު) އުފުލާތީ އެކަން ހުއްޓުވުމަށް މީހުން މަސައްކަތް ކުރި. ބައެއް މީހުން ބުނި ބިންދައިގެނެއް ނޫންހޭ ދާނީ ބަރު ނުހިއްލާށޭ،" ފާޒިލް ބުންޏެވެ.

ނަމަވެސް މީހުންގެ ދިމާކުރުންތަކަށް ބީރު ކަންފަތެއް ދީ ފާޒިލްގެ މަސައްކަތައިގެން ކުރިއަށް ދިޔަ އެވެ. ވަކި ހިސާބަކުން ކަސްރަތު ކުރުމަށް ވެސް ލޯބިޖެހުނެވެ. އަދި ކަސްރަތުކުރުން ހުއްޓާލާކަށް ބޭނުމެއް ނުވި އެވެ. ދެން ފާހަގަވާން ފެށީ ހަށިގަނޑަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އަންނަކަމެވެ. އެއީ ފިޓްނަސްއާ ދިމާލަށް ފާޒިލްގެ ހުންގާނު ބަދަލުކޮށްލި ހިސާބެވެ. "ފިޓް ފާޒިލް"ގެ ފެށުމެވެ.

ފެށީ އަލިފުން މިހާރު މާސްޓާ ޓްރެއިނާއެއް

ދެހާސް އަށާރަ ވަނަ އަހަރު އެމްއޭސީއެލް އާ ވަކިވެ ފުލްޓައިމްކޮށް ކަސްރަތުގެ ދުނިޔެއަށް ރަނގަޅަށް ވަދެވުމުން، ކުރިއަށް ދިއުމަށްޓަކައި އިތުރަށް ކިޔެވުން މުހިންމުކަން ވިސްނުނެވެ. އެކަމަށްޓަކައި ރެއާއި ދުވާލު ފިޓްނަސް އާ ބެހޭގޮތުން އަމިއްލައަށް ކިޔެވި އެވެ. އަދި އިތުރު ކޯސްތައް ފުރިހަމަ ކުރި އެވެ.

"ގާތްގަނޑަކަށް ތޭރަ އަހަރު ވެއްޖެ މިކަމުގައި އުޅޭތާ. ފުރަތަމަ ބޭސިކް އިންސްޓްރަކްޓާސް ކޯސް ހެދީ. މަޑުމަޑުން މުޅި އެތި ދަސްކުރަމުން ގޮސް މިހާރު މީ މާސްޓާ ޓްރެއިނާއެއް. ދެން އިންސްޓަގްރާމްއަށް ފާޒިލްގެ ބޮޑީ ޓްރާންސްފޯމްވެފައި ހުރި ފޮޓޯ ލާންފެށީމަ އެ ޓްރެންޑް(މަގްބޫލު) ވާން ފެށި،" އޭނާ ކިޔައި ދިނެވެ.

ފިޓް ފާޒިލް ޕޫމާގެ ބްރޭންޑް އެމްބެސެޑަރު ރީސްއާއެކު ފޮޓޯއަކަށް ހުއްޓިގެން.

އިސްޓަގްރާމްއަށް ލާ ފޮޓޯތަކަށް ރާއްޖެ އިން އާއި ރާއްޖެ އިން ބޭރު މީހުންގެ ސަމާލުކަން ލިބުނީ އޭނާ ހީވެސް ނުކުރާ މިންވަރަކަށެވެ. ފާޒިލްގެ މަސައްކަތަށް ތަރުހީބު ބޮޑުވެ ރާއްޖޭން ބޭރުގެ ފުންނާބު އުސް މީހުންގެ ސަމާލުކަން ލިބުނު މިންވަރަކީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޕޫމާ"ގެ އެންބެސެޑާ ޕަމެލާ ރީސް ރާޖެ އައިސް އޭނާއާ ބައްދަލުކޮށް އޭނާގެ މަސައްކަތަށް ދިން ތަރުހީބެވެ. އެއީ މިހާތަނަށް ފާޒިލްގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް "ވިން" [ކާމިޔާބެއް]ގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެ އެވެ.

މިހާރު ކުރާ މަސައްކަތަކީ މީހުން ހޭލުންތެރިކުރުވުން

އެމްއޭސީއެލްގެ ވާޒީފާ އިން ވަކިވެ ފާޒިލްއަކީ މިހާރު އެލިވޭޓް ޖިމްގެ ފުލަޓައިމް ފިޓްނަސް އިންސްޓްރަކްޓަރެކެވެ.

"މިހާރު މިކުރާ ކަމަކީ ފިޓްނަސް އެޑްވޮކޭޓް [ހޭލުންތެރި] ކުރަނީ. ޓިކްޓޮކް ވީޑިއޯތަކުން މިތްސް ބްރޭކް (އެއްވެސް ހަގީގަތެއް ނެތް ކަންކަން ފޮހެލަން މަސައްކަތް) ކޮށްދެނީ،" އޭނާ ކިޔައިދިނެވެ.

މީހުންގެ ސިކުނޑިއަށް ފަސޭހައިން ދެނެގަނެވޭ ގޮތަށް ކަސްރަތާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމުން ،ކަސްރަތު ކުރުމަށް މީހުން ވަގުތު ހޯދާނެކަމަށް ފާޒިލް ގަބޫލުކުރެ އެވެ.

ފިޓް ފާޒިލް ރާއްޖެއިން ބޭރުގައި ތަމްރީނެއް ހަދަނީ.

"ވެއިޓްސްކޭލް [ބަރުދަން ބަލާމެޝިން] އަށް އަރާފައި މީހުން އެބަ ބުނޭ ބަރުދަނަކަށް އެއްވެސް ބަދަލެއް ނާދެޔޭ. އެކަމަކު ވެސް ހުރިހާކަމެއް ބަރާބަރަށް ކުރަމޭ. އެފަރާތްތަކަށް އަޅުގަނޑު މިކިޔައިދެނީ އެއީ މައްސަލައެއް ނޫނޭ. އަދި އެއީ މައްސަލައަކަށް ނުވާ ސަބަބު.." ފާޒިލް ކިޔައިދިނެވެ.

ފާޒިލްގެ ވީޑިއޯތަކުން ދޭ މެސެޖް ހަގީގަތުގައި ވެސް ވަރަށް ތަފާތެވެ. އެ ވީޑިއޯތައް ބަލާ މީހުން ބައިލައްކައަށް ވުރެ ވެސް ގިނަވެފައި ވަނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ.

ކަސްރަތުކުރުމުގައި ދެމިހުރުމަށް ފާޒިލްގެ ނަސޭހަތަކީ ކޮބާ؟

"ކޮންސިސްޓެންސީ" (އެކަމެއްގަ ދެމިހުރުން) އެއީ ކަސްރަތު ކުރުމުގަ އެދެވޭ ބަދަލު ގެނައުމުގަ ވަރަށް މުހިންމު ކަމެއްކަމުގައި ބުނެދެމުން، ކަސްރަތުކުރަން އެންމެ ދާހިތް ނުވާދުވަހު ދާންވާނެ ކަމަށާއި، އެހެން ހަދައިފިނަމަ އެއީ އެމީހާގެ އަމިއްލަ ނަފްސުގެ މައްޗަށް ފޯރުވޭ ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ބުންޏެވެ. އަދި ކަސްރަތުކުރުމަށް ވަގުތު ނުދެވޭ ނަމަ، އެކަމަށް އޮތް ހައްލަކީ "ޑީ މޯޓިވޭޓްވާ ފެކްޓާ" [ކަމެއް ކުރަން ބާރު/ހިތްވަރު ނުލެވޭ ސަބަބު] ސިކުޑިން ނެގުމެވެ.

"މީހުންގެ ބިޒީ ޝެޑިއުލް ހުންނަ ގޮތުން ވާގޮތަކީ ކޮންމެ ދުވަހަކު ކަސްރަތު ކުރަން ނުދެވިދާނެ. އެއީ މައްސަލައެއް ނޫން. ކަސްރަތުކުރަން ނުދާ ދުވަހަށް ވުރެ ދިޔަ ދުވަސް ގިނަ ނަމަ އެއީ 'ވިން' [ކާމިޔާބް) އެއް. އެމީހަކު ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ދެވޭނެ،" ފާޒިލް އޮޅުން ފިލުވައިދިނެވެ.

ކަސްރަތުކުރުން ހުއްޓޭ ސަބަބެއް ކަމުގައި މާގިނަ ކަންތައް އެއްފަހަރާ ކުރަން ފެށުން ހިމެނޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ކެއުމާއި ނިދުމާއި ޖިމްއަށް ބަރާބަރަށް ދިއުމަކީ ފުރަތަމަ ފަށައިގަންނަ މީހަކަށް ވަރަށް ބައިވަރު މަސައްކަތް. ޓާގެޓް ކުރާށޭ ފަހަރަކު ކަމެއް އެޗީވް(ހާސިލް) ކުރަން،" އޭނާ އިތުރަށް ކިޔައިދިނެވެ.

ފާޒިލްގެ ނަސޭހަތަކީ މަސައްކަތްކޮށްފައި އެކަމެއް ނުވާނެ ކަމުގެ "މައިޑްސެޓް" [ވިސްނާގޮތް] ދޫކޮށްލުމެވެ.