މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމަލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ސޯލިހު ވަޑައިގަތީ ފުވައްމުލަކު ސިޓީއަށެވެ.

ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އާއި ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އިތުރުން ފުވައްމުލަކުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އާންމު ރައްޔިތުންނެވެ.

މިއީ ރައީސް ސޯލިހު މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ފުވައްލުމަކާއި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރާއިރު އެ ޕާޓީގެ ލީޑަރޝިޕުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހު ފުވައްމުލަކު ސިޓީގައި.. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ފޯރިއާއެކު ކުރިއަށްދާއިރު، އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ފުވައްމުލަކު ދަތުރަށްފަހު ރައީސް ސޯލިހު އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީން ވަނީ މި ރޯދަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ޑޯޓުޑޯ ހަރަކާތްތައް ވެސް ކުރިއަށްގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މި އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.