ރޯދަމަހަކީ އަހަރުމެންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ނިދުމަށް އަންނަ ބަދަލެވެ. ރޭއަޅުކަމާއި އާއްމު ދިރިއުޅުމުމުގެ ތެރެއިން ވެސް ހަމަ ނިދި ލިބުމަކީ މުހިއްމު ކަމެކެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ރޯދަމަހު ގިނަގިނައިން މަދު ވަގުތުކޮޅަކަށް ނިދުމަށްވުރެ ރަނގަޅީ އެއްފަހަރާ ގިނައިރު ވަންދެން ނިދަން އޮތުމެވެ.

ހާރުދަމުގެ ކުރިން 4 ގަޑިއިރު ނިދަންވާނެ!

ތަރާވީހް ނަމާދަށްފަހު ރޭއަޅުކަމަށް ތެދުވުމާ ދެމެދު މަދުވެގެން ހަތަރު ގަޑިއިރު ނިދި ހަމަ ކުރެވޭތޯ ބަލާށެވެ. އެގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ބޭނުންވާ ނިދީގެ ދެބައިކުޅަ އެއްބައި ހަމަ ކުރެވުނީ އެވެ.

ދުވަސް ފެށުމުގެ ކުރިން ނިދި ބޭނުންވޭ!

ހާރުކައި ފަތިސް ނަމާދު ކުރުމަށްފަހު ދުވަހުގެ މަސައްކަތްތަކައިގެން އުޅެން ފެށުމުގެ ކުރިން ވެސް ނިދަން ވާނެ އެވެ. މިކަމުން ދުވަހުގެ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ ލިބޭނެ އެވެ.

މެންދުރު ކުޑަ ވަގުތު ކޮޅަކަށް ނިދާލުން މުހިއްމު!

ދުވާލު ނުކައި ނުބޮއި އުޅޭއިރު ހަށިގަނޑުގެ ވަރު ހިފެހެއްޓުމަށްޓަކައި މެންދުރުފަހު 20 މިނެޓެއްހާއިރު ނިދާލުމަކީ މުހިއްމު ކަމެކެވެ.

ރޯދަމަހު އެންމެ އިސްކަމެއް ދޭންވީ ރަނގަޅު ސިއްހަތެއްގައި ހުރެ އަޅުކަން ގިނަ ކުރާށެވެ. ނިދި ހަމަ ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިއްމު އެއް ކަމެވެ.