ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ހަކަތަ ދަށްވެ މާބޮޑަށް ވަރުބަލިކަން އިހުސާސްވުމަކީ ބައެއް މީހުންނަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. ގިނައިރު ވާވަރަކަށް މި އިހުސާސް ބޮޑުވާއިރު ވަރުބަލިކަން ދުރުކޮށްލުމަށްޓަކައި ވެސް ކުރެވިދާނެ ވަރަށް ފަސޭހަ ކަންކަން އެބަ ހުއްޓެވެ.

ދުވަސް ރާވާލާ

ރޯދައަށް ހުންނަން ގަސްދު ކުރާނަމަ ކުރިއަށް އޮތް ދުވަހުގެ ތާވަލު ކުރިއާލާ ރާވާލާށެވެ. ދުވާލުގެ ވަގުތުތައް ހަށިގަނޑަށް މާ ބުރަ ނުވާނެހެން ހޭދަކުރަން ސަމާލުކަން ދޭންވާނެ އެވެ.

ލުއި ކަސްރަތެއް ކޮށްލާ

އެއްވެސް ހަރަކާތެއް ނުކޮށް ތިބުމަކީ ހަށިގަނޑު މާބޮޑަށް ލޮޑުވާން މެދުވެރިވާނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ލުއި ކަސްރަތެއް ކޮށްލާ ހަށިގަނޑު ހަރަކާތްތެރިކަންމަތީ ބަހައްޓާށެވެ.

ބަނޑުހައިވުމާމެދު ނުވިސްނާ

ރޯދައަށް ތިބޭއިރު ކޮންމެވެސް ވަރަކަށް ބަނޑުހައިކަން އިހުސާސް ކުރެވޭނެ އެވެ. ނަމަވެސް އެކަމުން ސިކުނޑި ދުރުކުރުވުމަށްޓަކައި ކޮންމެވެސް އެހެން ކަމެއްގައި މަސްއޫލުވާށެވެ.

ކުޑަ ވަގުތުކޮޅަކަށް ނިދާލުން ރަނގަޅުވާނެ

މެންދުރު ފަސްވުމުން ހަށިގަނޑުގެ ހަކަތަ ދެމެހެއްޓުމަށްޓަކައި 20 ވަރަކަށް މިނެޓުގެ "ޕަވާ ނެޕް"އެއް ނެގިދާނެ އެވެ. މިގޮތަށް ނިދާއިރު މާގިނަ ވަގުތު ނުނިދުމަށް ސަމާލުކަން ދޭންވާނެ އެވެ.

ފިނި ފެނުން ފެން ވަރާލާ

ފިނިކުުރި ފެނަކީ ހަށިގަނޑު ތާޒާކޮށްލާ ދިރުން ގެނުވައިދޭ އެއްޗެކެވެ. އެހެން ކަމުން ރޯދައަށް ހުންނައިރު މާ ބޮޑަށް ވަރުބަލިވާނަމަ ފިިނި ފެނުން ފެންވަރާލުން ރަނގަޅުވާނެ އެވެ.