ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން އަސްކަރީ ޑްރޯން ބޮޑު އަގުގައި ގަތީ ކުރިއަށްއޮތް މަޖިލިސް އިންތިހާބަށް ސަރުކާރުން ފައިސާ ހޯދުމަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު އެމްޑީޕީއިން ތުހުމަތުކޮށްފި އެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު މި ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ނ. މާފަރު އެއާޕޯޓަށް ވަނީ ގެންގޮސްފަ އެވެ. ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ2 ޑްރޯންތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތެއް ގާއިމްވެފައި އޮތުމަކީ މަސްވެރިން ހިމެނޭހެން ދިވެހި ހުރިހާ ރައްޔިތުން ވެސް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖެއިން އެ ކަން ކުރަންވާނީ ރާއްޖޭގެ ފެންވަރުން ކަމަށް އީސާ ވިދާޅުވި އެވެ.

"ބަޖެޓު ނުކުރައްވާ ކަމެއް، ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ، ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ.. މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި.." އީސަ ވިދާޅުވި އެވެ.

މީގެ އިތުރުން އީސާ ވިދާޅުވޯ ޑްރޯން ގަންނަން ކޮންޓިންޖެންސީ ބަޖެޓުން ހަރަދުކުރީ ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓުވުމަށް ފަހުގައި ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ...

"އަޅުގަނޑުމެންނަށް ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ މިގައުމަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެފަރާތުގެ އެކަމާ ގުޅުން ހުރި އިސްބޭފުޅުން މަޝްވަރާކުރަމުން ދަނިކޮށް ސަރުކާރު ބަދަލުވީ، ދެން އެހިސާބުން އަޅުގަނޑުމެންނަށް ސުވާލު އުފެދޭ، ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ ތެޅިފޮޅެމުން ވަޑައިގަތީ ތުރުކީއަށް ރައީސލް ޖުމްހޫރިއްޔާ،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުންނަމަ ސަރުކާރުން ޑްރޯން ގަންނަން 30 މިލިއަން ހަރަދުކޮށްފައިވާއިރު އެއަށްވުރެ އަގުހެޔޮކޮށް ޑްރޯން ހޯދޭނެ ގޮތުގެ ތަފްސީލު އެމްޑީޕީ އަތުގައި އެބަހުރި ކަމަށެވެ. .