މާލޭގެ މަގުތަކަށް ކުނި އަޅައި މަގުތައް ގޮނޑުކުރަމުން އަންނަ މައްސަލައިގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފަ އެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެ އެވެ.

އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވުމާ އެކު ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 16 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން އެކަނި ވެސް މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މާލޭގެ މަގުތައް ސާފު ތާހިރުކޮށް ބެހެއްޓުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމަކު، ކުނި އަޅާ މަގުތައް ސާފުކުރިޔަސް ތަކުރާރުކޮށް ކުނި އަޅަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

މަގުތަކުގެ ދެ ފަޅި އާއި ޕޭވްމަންޓުތަކަށް އަޅާފައިވާ ކުނިތަކުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، އުޅަނދު ފަހަރު ދުއްވުމަށާއި ހިނގާ ބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.