ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލުކުރުމަށް ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނަ އެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން މެންބަރުން ގުނަނީ 80 މެންބަރުންގެ ގޮތުގަ އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައާއި ގުޅިގެން، އެ ކޯޓުން ކުރެއްވި ޙުކުމުގައި ވަނީ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާއި ހިލާފުކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރާ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި އަސްލަމް ވިދާޅުވީ 242 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ މައިގަނޑު މަފްހޫމަކީ ވެސް 49 ވަނަ މާއްދާއަށް އިތުރު ކުރި ކަންކަން ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް ކަމުގައި ދަންނަވަން. ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައެއް ނުވޭ. މަޖިލީހުގެ ގަވާއިދުގައި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާ އިތުރުކޮށްފައިވާ މާއްދާއަށް މި އިއްޒަތްތެރި މަޖިލީހުން ގޮތެއް ނިންމަވައި އުވާލަދިނުމުގެ މައްސަލަ މި މަޖިލީހަށް ގެންނަން،" އަސްލަމް ވިދާޅުވި އެވެ.

ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގައި މެންބަރުން އިސްތިއުފާ ދީފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުހިމަނާ ޖުމުލަ މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އޮތް ހުދޫދުގެ ބޭރުން ކަމަށެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާއެއް ކަމަށާއި، އެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށެވެ. އެހެންކަމުން އެ ގޮނޑިއެއް ހުސްވުމަކީ، އެ އިންތިހާބީ ދާއިރާ މަޖިލީހުގައި ތަމްސީލުކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.